މިފްކޯއިން އެންސިސްގެ މަސް ފެކްޓަރީއާ ހަވާލުވަނީ
އަވަސް
10 އޯގަސްޓު 2025 | އާދިއްތަ | 8:29
އެންސިސްގެ މަސް ފެކްޓަރީއާ ހަވާލުވުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މިފްކޯ އިން ބުނެފި އެވެ.
މިފްކޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދޮޅު އަހަރަށް ހުއްޓިފައި ހުރި އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސިޓީ މިފްކޯއަށް ހޯދުމަށް ދިރާސާތައް ނިންމުމަށްފަހު އެންސިސްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މި ފެކްޓަރީ ހުޅުވީ ޑިސެމްބަރު 2019 ގަ އެވެ. މި ފެކްޓަރީއަކީ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެ ކާރުހާނާއިން ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދު ކުރެވޭއިރު، އެއް ފަހަރާ 1،200 ޓަނުގެ ފިނިކުރި މަސް ރައްކާ ކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ހުރެ އެވެ. އަދި އެ ތަނުގައި 100 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެއް ވެސް ހުރެ އެވެ. މިފްކޯއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ، މެޝިނަރީ އަދި އެހެނިހެން އާލާތްތަކަށް ކޮންމެހެން ބޭނުންވާ މަރާމާތް ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓަކެއް މިހާރު ކުރެވެމުންދާ ކަމަށާއި ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ އަމާޒު ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ. އެ ގޮތުން އައްޑޫ އަތޮޅުން އަންނަ މަސް ހުވަދު އަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑޫ އަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށް ރޭވިފައިވާ ކަމަށާއި އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިފްކޯ އިން ބުންޏެވެ. މީގެ އިތުރުން ގދ. ތިނަދޫގައި ގާއިމުކުރަމުންދާ މަސް ގަންނަ މަރުކަޒު އަންނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަލް ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.