ޖުލައި މަހު މީރާއަށް 3.39 ބިލިއަން ރުފިޔާ

އަވަސް

10 އޯގަސްޓު 2025 | އާދިއްތަ | 8:15

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖުލައި މަހު 3.39 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާ އިން ފާހަގަކުރީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެ ގޮތުން ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހަށް ގެނައި ބަދަލު މީރާއިން ފާހަގަކުރި އެވެ. އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައިވެސް ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނޭ ކަމަށް މީރާ އިން ބުނެފައިވެ އެވެ. މީރާއަށް މިދިޔަ ޖުލައި މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެގޮތުން އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުލައި މަހު ލިބުނު އާމްދަނީގެ 48.9 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 1.07 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުލައި މަހުގެ ޖުމްލަ އާމްދަނީގެ 31.7 ޕަސެންޓެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 159.7 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 149.5 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 139.9 މިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ. މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 105 މިލިއަން ޑޮލަރު ހިމެނެ އެވެ.

މައުޟޫޢުތަށް