އޯއީސީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކްރޮސްރޯޑްސް ކަނޑައަޅައިފި

އަވަސް

11 އޯގަސްޓު 2025 | ހޯމަ | 3:49

"އަދާ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް" (އޯއީސީއެމް) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ކަނޑައަޅައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކްރޮސްރޯޑްސް މޯލްޑިވްސްއަކީ އޯއީސީއެމްގެ ކެނޑިޑޭޓެއް ކަމަށް ކަނޑައެޅީ ތައިލެންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުންނެވެ. މިއީ ތައިލެންޑްގެ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް މިފަދަ ޝަރަފުވެރި މައިލްސްޓޯނެއް ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ. ކްރޮސްރޯޑްސް ހިންގަނީ ތައިލެންޑްގެ ގްރޫޕް އޮފް ސިންހާ އެސްޓޭޓް ޕީއެލްސީގެ ދަށުންނެވެ. އޯއީސީއެމްއަކީ އދ. ގެ ކޮންވެންޝަން އޮފް ބަޔޮލޮޖިކަލް ޑައިވާސިޓީގައިވާ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ އިތުރުން ގުދުރަތީ ވެށި ރައްކާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް މަސައްކަތްކުރާ ތަންތަނެވެ. އޯއީސީއެމްތަކަކީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި އާންމުންގެ ޖަމާއަތްތައް ފަދަ އެކި ހިއްސާދާރުން ބަލަހައްޓަމުންދާ ތަންތަނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ގަވާއިދުތަކުގެ ދަށުން އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ތަންތަނަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އޭގެ ދަށުން ހިމެނޭ ގަވާއިދުތަކުގެ ތެރެއިން ހިމާޔަތްކުރެވިފައިވާ ސަރަހައްދަކަށް ވެގެން ނުވާނެ އެވެ. އެ ސަރަހައްދަކީ މުއްސަނދި ގުދުރަތީ ވެއްޓެއް ހިމެނޭ، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބަލަހައްޓަމުންދާ ސަރަހައްދަކަށް ވާންޖެހެ އެވެ. އަދި އެ ސަރަހައްދަކީ އެތަނެއްގެ ސަގާފަތާއި އިގުތިސާދާއި އިޖުތިމާއީ އަދި މުޖުތަމައީ އަގުމަގުތައް ދަމަހައްޓާ ތަނަކަށް ވާންޖެހެ އެވެ. ހާއްސަކޮށް އެންމެ މުހިންމު ކަމަކަށް އެ ސަރަހައްދެއްގެ ތެރޭގައި ހިންގާ ހުރިހާ ހަރަކާތްތަކަކީ ގުދުރަތީ ވެށި ރައްކާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އިކޯސިސްޓަމް ބަލަހައްޓާ ތަނަކަށް ވާންޖެހެ އެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ 1.75 މިލިއަން އަކަމީޓަރުގެ ކްރޮސްރޯޑްސް މޯލްޑިވްސް ސަރަހައްދަކީ ރަސްމީކޮށް ބަޔޯޑައިވާސިޓީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި މި ސަރަހައްދަކީ އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައިވެސް ކަނޑައަޅާފަ އެވެ. މި ނިންމުމަކީ އެސްއެޗްއާރްގެ ދެމެހެއްޓެނިވި ތަަރައްގީގެ ސްޓްރެޓަޖީގައި ކްރޮސްރޯޑްސް މޯލްޑިވްސް އިން އަދާކުރާ މުހިންމު ދައުރު ދައްކުވައިދޭ ނިންމުމެއް ކަމަށް ކްރޮސްރޯޑްސް އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް