ކުޑަރިކިލުގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ މަޝްރޫއު މިމަހު ފަށަނީ

އަވަސް

11 އޯގަސްޓު 2025 | ހޯމަ | 8:35

ބ. ކުޑަރިކިލުގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާގެ މަޝްރޫއު މިމަހު އަލުން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަރިކިލުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި އޮތް އޮތުންކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. ކުޑަރިކިލު ސްކޫލްގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވާ ސެޕްޓަމްބަރު މަހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަވާނޭކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މީގެ އިތުރުން ކުޑަރިކިލުގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރައްވާފައިވާ ކަމަށާއި ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަގުހެދުމުގެ މަޝްރޫއުވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުޑަރިކުލުގެ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއިން ރާއްވަވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން މިހާރު ހުއްޓުމަކަށް އައިސްފައިވާ ސްކޫލްގެ މަސައްކަތް ބާރު ދުވެލީގައި ނިންމުމަށްފަހު މަލްޓި ޕާޕަސް ހޯލެއްގެ މަސައްކަތް ކުރިއަށްގެންދަން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިއަދު ބިންގާ އެޅި ސިއްހީ މަރުކަޒުގެ އާ އިމާރާތާއެކު ސިއްހީ ހިދުމަތްތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރެއްވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ކުޑަރިކިލުގައި އިތުރު މިސްކިތެއް ބިނާކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ ކަމަށާއި ބިން ހަމަޖެހުމާއެކު އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް