ޑޮލަރު އާމްދަނީގެ ގޮތުގައި 880 މިލިއަން
އަވަސް
12 އޯގަސްޓު 2025 | އަންގާރަ | 7:43
ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ އިން ޖުލައިގެ ނިޔަލަށް 880.4 މިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖުލައި މަހުގެ ނިޔަލަށް ޑޮލަރު ލިބުނު ޑޮލަރު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 38 ޕަސެންޓް އިތުރުވެފަ އެވެ. ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 637.8 މިލިއަން ޑޮލަރެވެ. ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 440.2 މިލިއަން ޑޮލަރު ލިބުނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 108 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 67 މިލިއަން ޑޮލަރު ލިބުނެވެ. މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 67.4 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 68.1 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 83 މިލިއަން ޑޮލަރު ލިބުނެވެ.