އޭދަފުށީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އަވަސް

12 އޯގަސްޓު 2025 | އަންގާރަ | 7:59

ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އޭދަފުށީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސައުދީ އެވެ. އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 6،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާ ހިމެނޭ ގޮތުން ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި 3،200 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާ ހިމެނޭ މުވައްޒަފުން ތިބޭނެ އެކޮމިޑޭޝަން ބްލޮކެއް ހަދާނެ އެވެ. މި މަޝްރޫއުގެ ދަށުން 3،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމާއި 4،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއި 4،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެކަޑެމިކް ފެސިލިޓީޒް ބްލޮކެއް ހެދުން ހިމެނެ އެވެ. މި މަޝްރޫއުގެ އަގަކީ 80.7 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއު ހަވާލުކުރީ 720 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މައުޟޫޢުތަށް