1،000 ކޯޓާގެ ތެރެއިން ހައްޖު ކިޔުއިން ފުރުސަތު ދިނީ 850 މީހުންނަށް
އަވަސް
12 އޯގަސްޓު 2025 | އަންގާރަ | 9:39
ރާއްޖެއަށް މި އަހަރު ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް ކިޔުއިން 850 މީހުންނަށް ފުރުސަތު ދިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޒިޔާދު ވަނީ މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުގެ ތަރުތީބުން ހައްޖަށް ގެންދިޔައީ ކިތައް މީހުންތޯ ވަޒީރާ ސުވާލުކުރައްވާފަ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި ބާކީ ޖާގައިގެ ތެރެއިން 50 ޖާގަ ހާއްސަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުގެ ދަށުން ފަގީރުންގެ ތެރެއިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިޔަ މީހުންނަށެވެ. "ބާކީ 100 ޖާގަ ދޫކޮށްފައިވަނީ ބަލިމީހުންގެ އެހީތެރިންނާއި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ އަދި އަވަސް ފުރުސަތެއްގައި ޖާގަ ނުލިބިއްޖެނަމަ އެ މީހުންގެ އުމުރުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ އުންމީދު ކުޑަވުމުގެ ސަބަބުން ފުރުސަތު އަވަސްކޮށްދިނުމަށް އެދިފައިވާ ފަރާތްތަކާއި މިފަދަ ހާއްސަ ހާލަތުގައިވާ މީހުންނަށް،" ޝަހީމް ވިދާޅުވި އެވެ. ވަޒީރުގެ ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރު ޒިޔާދު ވަނީ ހައްޖު ކޯޕަރޭޝަންގެ ވެރިންނާއި އާއިލާގެ ބޭފުޅުން ހައްޖަށް ދަނީ 1،000 ކޯޓާގެ ތެރެއިންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ އަހަރަކު ހައްޖަށް ދެވޭނެ މީހުން އާންމުކޮށް އެނގޭނެ ނިޒާމެއް އޮވޭތޯ ސުވާލު ކުރައްވާފަ އެވެ. ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި އާއިލާއަކަށް ވަކި މީހަކަށް ނުބަލާ ކަމަށާއި އުސޫލުތައް އެގޮތަށް ތަން ނުދޭ ކަމަށެވެ. "އެހެންކަމުން ވަކި ބޭފުޅެއްގެ އާއިލާގެ މީހަކަށްވީތީ އެ މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފުރުސަތެއް ނުދޭނެ،" ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ ހައްޖަށްދާ 1،000 މީހުން ބެލެހެއްޓުމަށް އެހީތެރިން ބޭނުންވާ ކަމަށާއި އޭގެ ތެރޭގައި ހިދުމަތްތެރިންނާއި ޑޮކްޓަރުންނާއި ކައްކާ މީހުން ބޭނުންވާ ކަމަށެވެ. ނަމަވެސް ވަކި ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކޯޓާގެ ތެރެއިން ޖާގަ ދީފައިނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.