ގޮއިދޫ ފަޅުގައި ރިސޯޓެއް ހަދަން ބަޔަކާ ހަވާލުކުރަނީ
އަވަސް
12 އޯގަސްޓު 2025 | އަންގާރަ | 5:22
ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ބިޑް އެވޯޑުކޮށްފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގޮއިދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ތެރޭ އިކޯ ޓޫރިޒަމްގެ މަސައްކަތްވެސް ގޮއިދޫ ހިމެނޭ ސަރަހައްދުގައި ފައްޓަވާނެ ކަމަށެވެ. ގޮއިދޫއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މި މަހު ޓެންޑަކޮށް މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށާއި އިންޖީނުގޭގެ މައްސަލަތައް ހައްލުކޮށް އިތުރަށް ފުރިހަމަކުރުމުގެ ވަށާޖެހޭ މަޝްރޫއެއް މި އަހަރު ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގޮއިދޫ ސްކޫލްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ދާދިއަވަހަށް ނިންމާލެވޭނެ ކަމަށާއި ދެވަނަ ފިޔަވަހީގައި މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. އަދި ގިނަ ވަސީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ގޮއިދޫގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ އަމަލީ މަސައްކަތް ފަށައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް މި އަހަރު ފަށާނެ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ގޮއިދޫއިން ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައްވެސް މިހާރު ދީފައިވާނެ ކަމަށެވެ. މިދަތުރުފުޅުގައި ރައީސް ވަނީ ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.