އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ
އަވަސް
13 އޯގަސްޓު 2025 | ބުދަ | 10:53
ބ. އިންނަފުށި އެ އަތޮޅު ފުޅަދޫ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ފުޅަދޫގެ ތަރައްގީގައި މިވަގުތު އެންމެ ބޮޑު ހިއްސާއެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ކަމަށެވެ. އެހެންވެ ރައީސްގެ ވާހަކަފުޅުގައި ވަނީ އިންނަފުށި ބެލެހެއްޓުން ހަރުދަނާކޮށް، ފުޅަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާ ދެމެދު، ރަނގަޅު ފެންވަރުގެ މެނޭޖްމަންޓް ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް، ފުޅަދޫގެ ކައުންސިލާ އިންނަފުށި ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ މިވަގުތު ފުޅަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލަ ކަމަށެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަހަށް ނިމުމަކީ އާންމު ދިރިއުޅުމާއި ރަށުގެ ތަރައްގީއަށް ނުހަނު މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. "އެހެންވެ މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދީގެން ބާރު ދުވެލީގައި އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިދޭނަން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފުޅަދޫގައި އެކިއެކި ހިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރި ކަމަށާ މި ދަތިތައް ފިލުވާލުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. އެހެންވެ އެ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް މުހިއްމު ކަމެއް ކަމަށްވާތީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މިމަޝްރޫއު ކުރިއަށް ގެންގޮސްދޭނެ ކަމުގައި ވިދާޅުވި އެވެ. ފުޅަދޫގެ ސިއްހީ ދާއިރާގެ ތަރައްގީއަށްވެސް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ. އެގޮތުން ސިއްހީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ދިނުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ތައުލީމާއި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގައި އާ މިސްކިތެއް ބިނާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.