ތަރައްގީއަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންފި

އަވަސް

13 އޯގަސްޓު 2025 | ބުދަ | 11:00

ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުން ހުރަސްއެޅުމުގެ ބަދަލުގައި އެއްބާރުލުން ދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދަރަވަންދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނާ މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގެ ގޮތުން އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ. "ބޭނުންވަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ހިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން،" ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ވަކިވަކިން މިސާލު ނަންގަވައި ކަމުގެ އަސްލު ބަޔާންކޮށްދެއްވާފަ އެވެ.

ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާ ސަރުކާރުން ހުށަހަޅއިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިޞްލާޙުތަކުގައިވެސް ވަނީ އެކަންކަން ބަޔާންކޮށްފައި ކަމުގައި ވިދާޅުވި އެވެ. ރައްޔިތުން ބާރުވެރިކުރުވުމުގެ ފައިދާ އޮތީ ކައުންސިލްތަކަށް ކަމުގައިވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާއި ކަން އެގޮތުގައި ހިނގަމުންދާނަމަ ވައުދުތައް ފުއްދުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކޮންމެ ވަގުތުކޮޅަކީވެސް މުހިއްމު ވަގުތުކޮޅެއް ކަމަށާއި ހިޔާލުތަފާތުވުންތަކުން ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޒިންމާދާރުކަމާއެކު ދެފުށްފެންނަ ޕްރޮފެޝަނަލް، ގުޑްގަވާނަންސް، ނިޒާމެއްގެ ގޮތުގައި މި ނިޒާމު ހަރުދަނާކުރުމަށް،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް