އެމްޑަބްލިޔުއެސްސީ އިން ދަރަވަންދޫގައި ގާއިމްކުރި ނަރުދަމާ ނިޒާމް އިފްތިތާހްކޮށްފި
އަވަސް
14 އޯގަސްޓު 2025 | ބުރާސްފަތި | 8:03
އެމްޑަބްލިޔުއެސްސީ އިން ބ. ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާހްކޮށްފި އެވެ.
ދަރަވަންދޫގެ ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްދެއްވީ އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ. މިމަޝްރޫޢުގެ ދަށުން، ދަރަވަންދޫގައި، ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އާއި، ސީ އައުޓް ފޯލް އަޅައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފަ އެވެ. ދަރަވަންދޫގެ ނަރުދަމާ މަޝްރޫއަކީ ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 40.29 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ ސަބަބުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.