ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ބިލް ތަސްދީގުކޮށްފި
އަވަސް
15 އޯގަސްޓު 2025 | ހުކުރު | 9:04
ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނަށް މި އިސްލާހުތައް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. ބިލް ފާސްކުރަން ފެންނަ ކަމަށް 52 މެންބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ. މި އިސްލާހުގައި ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ ނުކުރެވޭނެ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެ ގޮތުން ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުުން ހިމެނެ އެވެ. މީގެ އިތުރުން ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުންވެސް މީގެ ތެރޭގައި ހިމެނެ އެވެ. މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތައާރުޒުވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެ އެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެ އެވެ. މި ބިލް ތަސްދީގުކޮށްފައިވަނީ އެ އިސްލާހުތައް އަނބުރާ ގެންދިއުމަށް ބައެއް ކައުންސިލްތަކުން އަދި އެމްޑީޕީން ގޮވާލާފައި ވަނިކޮށެވެ.