ސާބިތުކޮށްދިނީ ރައްޔިތުންގެ އަޑު އަށްސަވަން ރައީސް ބޭނުންފުޅުނުވާކަން: ޝާހިދު
އަވަސް
15 އޯގަސްޓު 2025 | ހުކުރު | 9:28
ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުން ސާބިތުކޮށްދެނީ ރައްޔިތުންގެ އަޑު އަށްސަވަންވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުނުވާކަން ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެ ބިލް ރައީސް ތަސްދީގު ކުރެއްވީ 100 އަށްވުރެ ގިނަ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށްކަން ފާހަގަކުރައްވާފަ އެވެ. "100 އަށްވުރެ ގިނަ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާންތަކަށް އެއްވެސް މިންވަރެއްގެ އަޅާލުމެއް ބަލާލުމެއްނެތި ބީރުކަންފަތެއްދެއްވައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުން ސާބިތުކޮށްދިނީ ލާމަރުކަޒީ ނިޒާމު ގެ އުސޫލުތައް ފުނޑުފުޑުކޮށްލުމަށް ބޭނުންފުޅުވުމުގެ އިތުރަށް ރައްޔިތުންގެ އަޑު އަށްސަވަންވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުނުވާކަމެވެ،" ޝާހިދު ވިދާޅުވި އެވެ. އެ ބަދަލުތައް ރައްޔިތުން ބަލައިނުގަންނަ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި މި ބަދަލުތައް ކުރިން އޮތް ގޮތަށް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ. މި އިސްލާހުގައި ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ ނުކުރެވޭނެ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެ ގޮތުން ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުުން ހިމެނެ އެވެ. މީގެ އިތުރުން ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުންވެސް މީގެ ތެރޭގައި ހިމެނެ އެވެ. މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތައާރުޒުވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެ އެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެ އެވެ.