އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން ޖޭ30ގެ މެއިން ޕާޓްނަރަކަށް ދިރާގު
އަވަސް
16 އޯގަސްޓު 2025 | ހޮނިހިރު | 9:51
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް -- އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 - ޖޭ30 ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ 18 އަހަރުން ދަށުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހަށް ގައުމީ ޓެނިސް ސެންޓަރުގަ އެވެ. މި މުބާރާތުގައި 24 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ 22 ކުޅުންތެރިން ހިމެނެ އެވެ. މި މުބާރާތުން ޒުވާން އެތުލީޓުންގެ ހުނަރުތައް ދައްކައިލައި، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. "މިއީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުޅިވަރު އިވެންޓްތަކުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،" މިރްޝާން ވިދާޅުވި އެވެ. ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވި ގޮތުގައި އެ އެސޯސިއޭޝަންގެ މަގުސަދަކީ ރާއްޖޭގައި ޓެނިސް ކުރިއަރުވައި، ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިން އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުމެވެ. "މި މުބާރާތް ކާމިޔާބުކަމާއެކީ ގެންދިއުމަށް މުބާރާތުގެ މެއިން ޕާޓްނަރުގެ ގޮތުން ދިރާގުން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުން،" އިގްނާޒް މަންސޫރު ވިދާޅުވި އެވެ. ދިރާގުން ދަނީ މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.