މެލޭޝިއާގައި ވޭޕް ބޭނުންކުރުން މަނާކުރަން މަޝްވަރާ ފަށައިފި

އަވަސް

16 އޯގަސްޓު 2025 | ހޮނިހިރު | 5:29

މެލޭޝިއާގައި ވޭޕް ބޭނުންކުރުން މުޅިން މަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ބައެއް ނޫސްތަކާ ވާހަކަ ދައްކަމުން މެލޭޝިއާގެ ހެލްތު މިނިސްޓަރު ވަނީ ވޭޕް މަނާކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. މެލޭޝިއާގައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާރުވެސް ވަރަށް ގިނަ ގަވައިދުތައް ހަދާފައިވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ޒިލްކިފްލީ އަހްމަދު ވިދާޅުވީ މުޅި މެލޭޝިއާގައި އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުން މަނާކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، މިކަމާ ގުޅޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ. ވޭޕް މަނާކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި ހެލްތު މިނިސްޓަރީގެ އިތުރުން އެގައުމުގެ ހަތަރު މުހިއްމު މިނިސްޓްރީއަކާ މަޝްވަރާ ކުރެވޭނެ ކަމަށްވެސް ޑރ. ޒިލްކިފްލީ ވިދާޅުވި އެވެ. އެއީ ފިނޭންސް މިނިސްޓްރީ، ޑޮމެސްޓިކް ޓްރޭޑް އެންޑް ކޯސްޓް އޮފް ލިވިން މިނިސްޓްރީ، އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓްރީގެ އިތުރުން އެޓާނީ ޖެނެރަލްސް ޗެމްބާސް އެވެ. މި މަޝްވަރާތަކަށްފަހު މިކަމާ ގުޅޭ އެންމެ ފަހުގެ ނިންމުންތައް ނިންމާނެ ކަމަށްވެސް މެލޭޝިއާ ސަރުކާރުން ބުނެ އެވެ. ނަމަވެސް މުޅި މެލޭޝިއާގައި ވޭޕް މަނާކުރާނެ ވަކި ތާރީހެއް އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މެލޭޝިއާގެ ބައެއް ސްޓޭޓްތަކުގައި މިހާރުވެސް ވޭޕް ބޭނުންކުރުން މަނާކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެލޭޝިއާގެ ޓެރެންގަނޫ އަދި ޕާލިސް ސްޓޭޓްގައި ވަނީ ވޭޕް ބޭނުންކުރުން މުޅިން މަނާކޮށްފަ އެވެ.

މައުޟޫޢުތަށް