ޔާމީނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ޖޭޕީ ތައްޔާރުވަނީ

އަވަސް

16 އޯގަސްޓު 2025 | ހޮނިހިރު | 5:13

ކުރީގެ ރައީސް އަބްދުﷲ ޔާމީން "އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމަށް ތުހުމަތުތަކެއް ކުރައްވާފައިވާތީ އެކަމުގައި އެޅޭނެ ގާނޫނީ ފިޔަވަޅުތައް ބަލަމުންދާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ރައީސް ޔާމީން ނިމުނު ހަފްތާގެ ތެރޭގައި އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018ގައި ނެރުނު އަމުރަކީ ގާސިމާއި ސިޔާދު ކޮންމެވެސް ސިފައެއްގެ ބައިވެރިވެވަޑައިގެން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ނެރުނު އަމުރެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ގާސިމާއި ސިޔާދުގެ އެހީތެރިކަމުގައި ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ބައެއް ފަނޑިޔާރުން މެލޭޝިއާ އިން ފްލެޓް ގަނެފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އަދި ބައެއް ފަނޑިޔާރުން ހުޅުމާލެ އިން ފްލެޓް ގަތުމަށް ގެރެންޓީ ދެއްވެވީވެސް ގާސިމާއި ސިޔާދު ކަމަށް ދޭހަވާ ގޮތަށް ޔާމީން ވާހަކަދައްކަވާފައިވެ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގާސިމާއި ސިޔާދު ޖަލަށްލީވެސް ރިޝްވަތުގެ ތުހުމަތުތަކެއްގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ޔާމީންގެ ތުހުމަތުތަކާ ގުޅިގެން ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދައްކަވާފައިވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށްވާތީ އެކަމުގައި ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ. "ޔާމީންގެ ވާހަކަތައް ހަރުކަށިކޮށް ކުށްވެރިކުރަން،" ޖޭޕީގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދަދު ނޫހަށް ޔާމީން ދެއްވި އިންޓަވިއުގައި ރައީސް މައުމޫނާ ގުޅޭގޮތުންވެސް ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ވިދާޅުވެ ރައީސް މައުމޫންވެސް ވަނީ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް