ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ދީފި
އަވަސް
16 އޯގަސްޓު 2025 | ހޮނިހިރު | 11:00
ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕް ލިބުނު މީހުންނަށް މިރޭ ލިޔުުން ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޮލާޝިޕް ލިބުނު މީހުންނަށް ލިޔުން ހަވާލުކޮށްދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. މިއަހަރު މިސްކޮލަޝިޕް ދީފައިވަނީ ޖުމްލަ 24 މީހަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލާޝިޕް ލިބުނު 17 މީހަކާއި ސްޓައިޕެންޑް ލިބުނު 6 މީހަކާއި ޓިއުޝަން ފީ ލިބުނު އެކަކެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތަކެވެ. ރާއްޖޭން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރެވެ. ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް، ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރިލް މަހު އެވެ. އަދި ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. ސްކޮލާޝިޕް ލިބުނު މީހުން ކަނޑައަޅާފައިވަނީ އެކަމަށް ހާއްސަކޮށް ނަގާފައިވާ ކޮމިޓީއަކުންނެވެ.