ކައްދޫ އެކްސިޑެންޓް: ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި
އަވަސް
16 އޯގަސްޓު 2025 | ހޮނިހިރު | 9:00
ލާމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއިި ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، މުހައްމަދު ނައުސާން (37 އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ. އެކްސިޑެންޓްގައި ލިބުނު އަނިޔާތަކާ ގުޅިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވީ އުމުރުން 64 އަހަރުގެ އަންހެނެކެވެ. މި އެކްސިޑެންޓް ހިނގީ ލ. ފޮނަދޫ އިން ލ. ގަމަށް ދަތުރުކުރި ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 7:18 ހާއިރު އެވެ. މަރުވި މީހަކީ މަގު ހުރަސްކުރި ދެ މީހުންގެ ތެރެއިން އެކަކެވެ. މިއެކްސިޑެންޓާ ގުޅިގެން މަގު ހުރަސްކުރި ދެ މީހުންވެސް އަދި ސައިކަލްގައި ތިބި ދެ މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.