ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަށް ގާސިމްގެ ތާއީދު
އަވަސް
17 އޯގަސްޓު 2025 | އާދިއްތަ | 10:31
ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ފައިދާ ލިބޭނީ ރައްޔިތުންނަށް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ގާނޫނަށް ގެނައި ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. ގާނޫނަށް ގެނެވުނު އިސްލާހާ ގުޅޭ ގޮތުން ގާސިމް މިއަދު ވިދާޅުވީ އެއީ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ގާނޫނަށް މި ގެނެވުނު އިސްލާތަކަކީ ވަރަށް މުހިންމު އިސްލާތަކެއް! މިއަދުގެ ހާލަތާއި ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހެއް ކަމުގައި ދަންނަވާލަން ބޭނުން،" ގާސިމް ވިދާޅުވި އެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މިއީ ފެޑްރަލް ދައުލަތެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. "އެހެންވީމާ ލާމަރުކަޒީ ގާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނޭ މިންވަރަކަށް، އެ ހުދޫދުގެ ތެރޭގައި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާ ގޮތަށް މިފަދަ އެއްވެސް ގާނޫނެއް ހެދިފައި އޮވެގެންނުވާނެ،" ގާސިމް ވިދާޅުވި އެވެ.
މި އިސްލާހްތަކަކީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުން ގަބޫލުކުރައްވާ ގާސިމް ވިދާޅުވި އެވެ. "މިސާލަކަށް ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދެއްގެ މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ،" ގާސިމް ވިދާޅުވި އެވެ. އެއީ ނާޖާއިޒު ފައިދާއެއް ކަމަށް ވިދާޅުވެ ގާސިމް ވަނީ އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ރަށެއްގެ ތަރައްގީގެ ޕްލޭން ފާސްކުރަނީ ރައްޔިތުންގެ ހިޔާލާއެކު ކަމަށްވާއިރު އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިހްތިޔާރު އޮވެގެން ނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. "މިފަދަ ކަންކަމުގެ ސަބަބުން ގައުމަށް ނުހަނު ގެއްލުން ލިބެމުންދާ ކަމީވެސް ހަގީގަތެއް،" ގާސިމް ވިދާޅުވި އެވެ. އިސްލާހުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް ތިން ޝަރުތެއް ވަނީ ކަނޑައަޅާފަ އެވެ.