ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ދެކުނަށް ބަދަލުކުރަނީ

އަވަސް

17 އޯގަސްޓު 2025 | އާދިއްތަ | 12:05

އިޒްރޭލުން ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމަށް އާ ހަމަލާތަކެއް ފަށާފައިވާކަން އިއުލާންކުރިތާ މަދު ދުވަސްކޮޅެއް ފަހުން "ހަނގުރާމަ ކުރާ ސަރަހައްދުތަކުން" ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާގެ ދެކުނަށް ބަދަލުކުރުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އިއުލާންކޮށްފި އެވެ.

އިޒްރޭލް ސިފައިންގެ އަރަބި ބަހުން ވާހަކަ ދައްކަވާ ތަރުޖަމާނު އަވީޗާއީ އަދުރާއީ އިއްޔެ ދިން ބަޔާނެއްގައި ބުނީ އދ. އަދި ބައިނަލްއަގްވާމީ އެހީދޭ ޖަމިއްޔާތަކުން ފޭލިގެތަކާއި ހިޔާވައްސަށް ބޭނުންވާ އެހެނިހެން ތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް މި ރޭވުމާ ބެހޭ ގޮތުން ނުވަތަ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އޭގެ ދައުރާ ބެހޭ ގޮތުން އދ. އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މި އިއުލާން އައީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނެތަންޔާހޫ ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީއާއި ދެކުނުގައި އޮންނަ އަލް-މަވާސީގައި ހުންނަ ހަމާސްގެ މައިގަނޑު ދެ މަރުކަޒު "ނައްތާލުމަށް" އަސްކަރިއްޔާއަށް ހުއްދަ ދީފައިވާކަން އިއުލާންކުރިތާ ހަފުތާއެއް ވެސް ނުވަނީހެވެ. އިޒްރޭލުގެ މި އިއުލާނަށް އދ. އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އދ. އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޒާރު ދީފަ އެވެ. ޣައްޒާ ސިޓީ ހިފަން ރާވާފައިވާ ޕްލޭން ތަންފީޒު ކުރާނަމަ ޣައްޒާ އިންސާނީ ހާލަތު ކާރިސާއަކަށް ވެއްޓިގެންދާނެ ކަމަށެވެ. އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 61,827 މީހުން ވަނީ މަރާލާފަ އެވެ. އަދި ބަނޑުހައިހޫނުކަމުގައި މިހާތަނަށް 251 މީހުން ވަނީ މަރުވެފަ އެވެ.

މައުޟޫޢުތަށް