ޓޮމްގެ ވައުދާ އެއްގޮތަށް އަތޮޅު މުބާރާތަށް ހުޅުވާލައިފި
އަވަސް
18 އޯގަސްޓު 2025 | ހޯމަ | 8:10
ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތަކުގެ ޓީމުތައް ޕްރޮމޯޓްވާ ފޯމެޓަށް، އެފްއޭއެމުން އަތޮޅު މުބާރާތްތަށް ހުޅުވާލައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ރައީސް އަހްމަދު ތޯރިގް، ޓޮމްގެ ވައުދާ އެއް ގޮތަށް އަތޮޅު މުބާރާތަށް ހުޅުވާލީ، މުޅި ރާއްޖެ ޝާމިލްވާ ފުޓްބޯޅައިގެ އޮނިގަނޑު އެކުލަވާލަން ކުރާ މަސައްކަތުގައި ރީޖަނަލް ލީގުތައްވެސް ހިމެނޭހެންނެވެ. ޓޮމްގެ މޭސްތިރިކަމުގައި އެފްއޭއެމްގެ އެކްސްކޯއިން އަލަށް އެކުލަވާލި ދިވެހި ފުޓުބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ހަތަރު ސަރަހައްދަކަށް ބަހާލާނެއެވެ. އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މި އަހަރު ފެށުމަށް ތާވަލްކޮށްފައިވާ 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެފްއޭއެމަށް ހުށަހަޅަން ޖެހެއެވެ. އާ އޮނިގަނޑާއެކު ޒޯންތައް ބެހިގެންދާ ގޮތް: - އުތުރު ރީޖަން (މި ރީޖަންގައި ހިމެނޭނީ ހއ، ހދ، ށ، ނ، ރ، ބ، ޅ) - ސެންޓްރަލް ރީޖަން (މި ރީޖަންގައި ހިމެނޭނީ ކ. އއ. އދ، ވ، މ، ފ، ދ) - ދެކުނު ރީޖަން (މި ރީޖަންގައި ހިމެނޭނީ ތ، ލ، ގއ. ގދ. ޏ، ސ) - މާލެ ރީޖަން (މިއީ ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަން) - މީގެ ތެރެއިން އުތުރު ރީޖަންގެ މެޗުތައް ފަށަން ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުއެވެ. އަދި ސެންޓްރަލް ރީޖަންގެ ކުޅުނު ނޮވެމްބަރު މަހުގެ 15ގައި ފަށާ ގޮތަށް އޮތްއިރު، ދެކުނު ރީޖަން ފަށާނީ ޑިސެމްބަރު މަހުއެވެ. މިހާރު ރާވާފައިވާ ގޮތުން އަތޮޅު މުބާރާތްތަކުގެ ޗެމްޕިއަން ޓީމުތައް ކޮލިފައިވާނީ ރީޖަނަލް ލީގުތަކަށެވެ. އެއަށް ފަހު، ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުން ހިމެނޭ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނެއެވެ. އަދި އަންނަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގަށް އޭގެން ޓީމުތައް ކޮލިފައިވާނެއެވެ. މާނައަކީ، އަތޮޅު މުބާރާތްތަކުން އަންނަ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބިގެން ދިޔުމެވެ. އަތޮޅު މުބާރާތްތައް އަލުން ފެށުމަކީ އެފްއޭއެމްގެ އާ ރައީސް ޓޮމްގެ އެކްސްކޯއިން އެންމެ ފުރަތަމަ ނިންމި ނިންމުމެވެ.