ޚަލީލް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ހުށަހެޅި އިމްތިޔާޒު މައްސަލަ ބޭރުކޮށްލައިފި

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 9:29

ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ހުށަހެޅި އިމްތިޔާޒު މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒުގެ މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވިއިރު ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން "ޝޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައިނުގަންނަވަނެ އިންޑިއާ އައުޓް ޓީޝާޓު ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުންހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ،" ކަމަށް ވިދާޅުވެ މިނިސްޓަރު ޚަލީލް އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާއިން ފެންނަ ކަމަށް މީކާއީލް ވިދާޅުވި އެވެ.

މީކާއީލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައާއެކު ޚަލީލް، ކޮވިޑް ދުވަސްވަރު "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް ވަނީ ހިމަނުއްވާފަ އެވެ.

މައުޟޫޢުތަށް