މާލިއްޔަތާއި 241 ކޮމިޓީއަށް އަޒާން އަލުން އައްޔަންކޮށްފި

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 11:58

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު އަލުން އައްޔަންކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތަކަށް އައި ބަދަލުތައް ހާމަކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ 241 ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައި ގެންދެވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އެ ކޮމިޓީއަށް އަޒާން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންގެ ބަދަލުގައި އެ ކޮމިޓީއަށް އަޒާން ހަމަޖައްސާފައިވާ ކަމަށެވެ. އެ ދެ ކޮމެޓީން އަޒާން ވަކިކުރީ މިއަހަރުގެ މާޗް މަހު އެވެ. މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމެޓީން އަޒާން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައި ނުވާ ވަގުތެއްގައެވެ. އެ ވޯޓާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕުންވެސް އޭރު އޭނާ ބޭރުކުރި އެވެ.

އެ ދެ ކޮމިޓީން އަޒާން ވަކި ކުރުމަށްފަހު ޕީއެންސީގެ ފަރާތުން އަޒާން ހަމަޖައްސާފައި ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށައި ޕެޓިޝަން ކޮމިޓީ އަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން އަޒާން ނިންމެވީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް އޭނާއަށް ގަބޫލުކުރެއްވޭތީ އެވެ.

މައުޟޫޢުތަށް