އެމްޑަބްލިޔުއެސްސީ އިން ހިމަންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްފި

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 6:27

އެމްޑަބްލިޔުއެސްސީ އިން އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމާ އިފްތިތާހްކޮށްފި އެވެ.

ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހްކޮށް ދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ. މިމަޝްރޫއުގެ ދަށުން، ހިމަންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފަ އެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފަ އެވެ. ހިމަންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ހައުސިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 65.83 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ ސަބަބުން ހިމަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް