ހިމަންދޫ ބަނދަރުގެ ނެރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 7:13

އއ، ހިމަންދޫ ބަނދަރުގެ ނެރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އަބްދުލް ރަހްމާން ޔޫސުފް އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ހިމަންދޫ ބަނދަރު ޗެނަލް ބަދަލުކުރުމާއި، ނެރު ފައިކަށި ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ. މި މަޝްރޫއުގައި ނެރު ފައިކަށި ހެދުމަށްޓަކައި ޖުމުލަ 168 މީޓަރުގެ ހިލަ ތޮށި ޖެހުމާއި 104 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. މީގެ އިތުރުން ކުދި އުޅަނދު އެޅުމަށް 58 މީޓަރާއި 59 މީޓަރުގެ ޖެޓީ ހެދުމާއި 16 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި ނެރު ފުންކުރުން އަދި ދެ ނެރު ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. މި މަޝްރޫއުގެ އަގަކީ 27.5 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއު ހަވާލުކުރީ 390 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މައުޟޫޢުތަށް