މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަނީ

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 7:28

މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ދޯނި އެހެލާ ސަރަޙައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް މިއަދު ސޮއިކުރެއްވި މަޝްރޫއަށް އިޝާރާތްކުރާ ރައީސް މުއިއްޒު ވިދާޅުވީ މި ޕިކްނިކް އައިލެންޑް ތަރައްޤީކުރާނީ މާފަރު ފަޅުގައި ކަމަށެވެ. ފެރިދޫއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއްކަމުން ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ފެރިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، އއ އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށްވުމާއެކު، ސިއްހީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސްކޫލަށް ބޭނުންވާ ބިނާރާއި އިންސާނީ ވަސީލަތްތައް ގާއިމުކޮށް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވަނީ ފެރިދޫގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރަށުގައި އަޅާ މިސްކިތުގެ މަސައްކަތް މިހާރު އޮތީ، ބިން ކަނޑައެޅުމާ ހިސާބުގައިކަން ފާހަގަކުރައްވާ އެ ކަމުގައި އުފެދިފައިވާ ހިލާފު ނައްތާލުމުގެ ގޮތުން ރައްޔިތުންގެ ވޯޓެއް އަލުން ނެގުމަށްފަހު ބިން ކަނޑައެޅުނުހާ އަވަހަކަށް މިސްކިތުގެ މަސައްކަތް ފެށޭނޭ ކަމުގައި ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް