ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
އަވަސް
19 އޯގަސްޓު 2025 | އަންގާރަ | 7:47
އއ. ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަޙްމަދު ސައުދީ އެވެ. ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެހެންކަމުން ސިއްހީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނޭ ކަމަށް ރައީސް މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ވިދާޅުވެފަ އެވެ. ފެރިދޫ ސިއްހީ މަރުކަޒަކީ ދުވާލަކު 16 ގަޑިއިރު ހިދުމަތްދޭ މަރުކަޒެކެވެ.