ކޮންމެ ރަށަކުން ފުޓްބޯޅަ ޝަހްސިއްޔަތެއް ކަނޑައަޅަނީ

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 11:49

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން އެފްއޭއެމުން ނިންމައިފިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް އަހަރަކީ މި އަހަރެވެ. އެކަމަކު، އެކަން ފާހަގަ ފާހަގަކުރަން ބާއްވާ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ. އަންނަ އަހަރު ޖޫންއަށް އެ މުބާރާތް ތާވަލުކޮށްފައި އޮތްއިރު، އެކަމާ ގުޅޭ އިތުރު އެތައް ހަރަކާތެއް ހިންގަން އެފްއޭމުންވަނީ ނިންމާފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައިވަނީ، ރާއްޖޭގެ ކޮންމެ ރަށަކުން އެ ރަށެއްގައި އުފެއްދި ފުޓްބޯޅައިގެ ޝަހުސިއްޔަތު ކަނޑައެޅުމަށް އިއުލާން ކޮށްފައެވެ. މިކަން ހާމަކޮށް، ކޮމިޓީގެ ޗެއާ އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ބުނީ އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށަކަށް ކަމަށެވެ. އެކަމަށްޓަކައި ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައެޅުމުގެ އުސޫލުތަކެއް އެކުލަވާލާއި އެކަން އެފްއޭއެމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އޭނާ ބުންޏެވެ. "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގއި ފުޓްބޯޅަ ޝަހުސިއްޔަތު އަޅުގަނޑުމެން ހޯދާނަން އިރާދަކުރެއްވިޔާ. އެކަން ކުރާނީ އެ ރަށެއްގެ ކައުންސިލާއި ޖަމިއްޔާތައް ވެގެން،" ސުޒޭން ބުންޏެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި އަހަރު ކަމަށްވާ 1950 އާ އެވެ. ފުޓްބޯޅައަށް 50 އަހަރު ފުރުނު ރަންޔޫބީލް ވަރަށް ކުލަގަދަކޮށް 2000 ވަނަ އަހަރު ފާހަގަކުރި އެވެ. އެ ފަހަރު އިންޑިއާ، ބަންގްލަދޭޝް، އަދި ސްރީ ލަންކާ ގެނެސްގެން ގޯލްޑަން ޖުބިލީގެ ނަމުގައި މާލޭގައި ފޯރިގަދަ މުބާރާތެއް ބޭއްވި އެވެ.

މައުޟޫޢުތަށް