މަތިވެރީގައި އެއާޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 11:30

އއ. މަތިވެރީގެ ބިން ހިއްކައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިމްރާން އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އެވެ. މި މަޝްރޫއުގައި އެއާޕޯޓަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުން ހިމެނެ އެވެ. މަތިވެރީގައި ތަރައްގީކުރަނީ 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. މި މަޝްރޫއުގެ މަސައްކަތުގައި ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އިތުރުން އެއާޕޯޓުގެ ހިދުމަތްދޭ މަގުތައް ތަރައްގީކުރުންވެސް ހިމެނެ އެވެ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި އެއާޕޯޓަށް ހިއްކާ ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ބިން ހިއްކައި އެއާޕޯޓްގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. މަތިވެރީގައި ކްރޮސް ސަބްސިޑީ އުސޫލުން އެއާޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން މިއަހަރުގެ މެއި މަހު އިއުލާނުކުރި އެވެ.

މައުޟޫޢުތަށް