ގޮއިދު އަތޮޅު ފަޅުގައި ރިސޯޓެއް ހެދުމާ ނަޝީދު ދެކޮޅު

އަވަސް

19 އޯގަސްޓު 2025 | އަންގާރަ | 10:00

ބ. ގޮއިދޫ ފަޅުގެ އެތެރެވަރި ހިއްކައިގެން ރިސޯޓެއް ހެދުމާ ދެކޮޅު ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫ ހިމެނޭ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމަށް ބިޑް އެވޯޑުކޮށްފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ބަޔަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިމަހުގެ ތެރޭގައި ގޮއިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފަ އެވެ. ގޮއިދޫ، ފެހެންދޫ އަދި ފުޅަދޫ ހިމެނޭ ފަޅުތެރޭގައި ރިސޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ގޮއިދޫ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓް ހެދުމަށް ވުރެ، އެތަން އެ އޮތްގޮތަށް ބާއްވައި ބެލެހެއްޓުމުން އަތޮޅަށް ލިބޭނެ ތަނަވަސްކަމާއި ފައިދާ މާބޮޑުވާނެ ކަމަށެވެ. "ރިސޯޓަށް ވުރެ ގެސްޓްހައުސް ވިޔަފާރިން ރަށަށް ވަންނަ ފައިސާ އާއި މަންފާ މާ އިތުރުވާނެ،" ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ އެ ސަރަހައްދުގައި ކޮންމެހެން ރިސޯޓެއް ތަރައްގީކުރަން ވެއްޖެނަމަ ގޮއިދޫ، ފެހެންދޫ ނުވަތަ ފުޅަދޫ އިން ބައެއްގައި ރިސޯޓެއް ތަރައްގީކުރެވިދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް