މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އަވަސް

20 އޯގަސްޓު 2025 | ބުދަ | 9:02

އއ. މަތިވެރީގެ އެއާޕޯޓް ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މަތިވެރީގެ ބިން ހިއްކައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރީ އިއްޔެ އެވެ. މި މަޝްރޫއުގައި އެއާޕޯޓަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުން ހިމެނެ އެވެ. މަތިވެރީގައި ތަރައްގީކުރަނީ 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. މި މަޝްރޫއުގެ މަސައްކަތުގައި ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އިތުރުން އެއާޕޯޓުގެ ހިދުމަތްދޭ މަގުތައް ތަރައްގީކުރުންވެސް ހިމެނެ އެވެ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު އިއްޔެ ދެއްކެވި ވާހަކަފުޅުގައި އެއާޕޯޓަށް ހިއްކާ ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ބިން ހިއްކައި އެއާޕޯޓްގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. މަތިވެރީގައި ކްރޮސް ސަބްސިޑީ އުސޫލުން އެއާޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން މިއަހަރުގެ މެއި މަހު އިއުލާނުކުރި އެވެ.

މައުޟޫޢުތަށް