ލީގުގެ ފުރަތަމަ މެޗުން ރެއާލްއަށް އުނދަގޫ މޮޅެއް

އަވަސް

20 އޯގަސްޓު 2025 | ބުދަ | 8:00

ސްޕެނިޝް ލީގުގެ އައު ސީޒަން ފެށުމަށް ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި އޮސަސޫނާ އަތުން ހަނި ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މެޑްރިޑްގައި ހުންނަ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑު -- ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފަސްދޮޅަސް އަށްހާސް މީހުން މެޗު ބަލަން ތިއްބާ ކުޅުނު މި މެޗު ކާމިޔާބު ކުރުމަށް ރެއާލްގެ ކުޅުންތެރިން ވަނީ ވަރުގަދައަށް މަސައްކަތް ކުރަންޖެހިފަ އެވެ. ރެއާލް މެޑްރިޑާ އަލަށް ގުޅުނު އެލެކްޒެންޑާ އާނޯލްޑް ވަނީ މި މެޗުގައި ކުޅެފަ އެވެ. އާނޯލްޑް މީގެ ކުރިން ރެއާލް މެޑްރިޑަށް ކުޅެފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅުނު ހަތަރު މެޗު ގައެވެ. ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލް މެޑްރިޑުން ލީގުގެ ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ނަމަވެސް އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މެޗުގެ ތެރެއިން މޮޅު ކުޅުމެއް ދައްކައި، ރެއާލްގެ ގިނަ ހަމަލަތައް މަތަކޮށް، ގޯލް ޖަހަން ދަތިކޮށްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނިޓުގައި ރެއާލަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ފަހު ވަގުތު އޮސަސޫނާގެ އަބެލް ބްރެޓޯންސް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފަ އެވެ. މި ހަނި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ އާ ސީޒަން ކާމިޔާބީއާއެކު ފަށާފަ އެވެ.

މައުޟޫޢުތަށް