ތޮއްޑޫ ސިއްހީ މަރުކަަޒު، ހޮސްޕިޓަލަކަށް ބަދަލުކުރާނަން: ރައީސް

އަވަސް

20 އޯގަސްޓު 2025 | ބުދަ | 5:48

އއ. ތޮއްޑޫގައި މިހާރު މަސައްކަތް ކުރިއަށްދާ 30 އެނދުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތޮއްޑޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މިހާރު ތޮއްޑޫގައި ކުރިއަށްދާ 30 އެނދުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާތީ އެތަނުގައި އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު މިނިސްޓްރީގެ ކަމުގެ ފަންނީ ބޭފުޅުން ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. މިއަދު ވަނީ ތޮއްޑޫ ސްކޫލްގެ އުމްރާނީ ވަސީލަތް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމާއި، ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން ތޮއްޑޫ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށާފަ އެވެ. ރައީސް މުއިއްޒު ވަނީ މި މަޝްރޫއުތަކުގެ މަސައްކަތް، ވަރަށް އިސްކަންދެއްވައިގެން ހަލުވިކަމާއި އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ތޮއްޑޫ މަގުތައް ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހަދައިދިނުމަށް އެރަށުން އެދިފައިވާތީ އެ މަސައްކަތް އަމަލީގޮތުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. "އެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމައިދޭނަން. އަދި ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ތޮއްޑޫއަކީ ދަޑުވެރިކަމަށް ހާއްސަ އަދި އެކަމުގައި ފާހަގަކުރެވޭ ރަށަކަށްވާތީ އެރަށުގައި ގާއިމުކުރުމަށް ނިންމާފައިވާ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސް، އުފައްދަވައި އެ ފެކަލްޓީގެ އިމާރާތް ގާއިމުކުރުމުގެ މަޝްރޫއުވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ތޮއްޑޫގައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ހިދުމަތް އިފްތިތާހުކޮށް، ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާ އަޅާފަ އެވެ. މީގެއިތުން މިއަދު ވަނީ ތޮއްޑޫގައި އަޅާ ފުލުހުންގެ އިދާރާއާއި، ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާވެސް އަޅާފަ އެވެ.

މައުޟޫޢުތަށް