މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަވަސް
20 އޯގަސްޓު 2025 | ބުދަ | 11:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށާއި އެތަނުގެ ހިންގުން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް އެޗްޑީސީ އިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރު އެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނައީމް އަދި ސީއީއޯ ފަހިޔަސް ޕަންގަޓްގެ އިތުރުން ސީއޯއޯ އަލީ ނާހިޒް އެވެ. ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ތަރައްގީކުރާ މި ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސަންޓް ފޮރިން އިންވެސްޓްމަންޓާ އެކު އެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ޑީޕް ސީފުޑް ކޮމްޕެނީ އެވެ. ހުޅުމާލޭގައި ތަރައްގީ ކުރާ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ އެވެ. މިތަންތަން އެއްކޮށް ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައެވެ. ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.