ވަކީލަކަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
އަވަސް
21 އޯގަސްޓު 2025 | ބުރާސްފަތި | 7:51
ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން ވަކީލަކަށް ވެގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މައްސަލަ ހުށަހަޅާފައިވަނީ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲއާ ދެކޮޅަށެވެ. ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ އެއްވެސް އިރަކު ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދީފައިވާ މީހެއް ނޫން ކަމަށް އިދާރާތަކުން ހޯދި މައުލޫމާތުން ކަށަވަރުކުރެވިފައިވާ ކަމަށެވެ. ތޫބާގެ ވަކީލު ކަމުގެ ހުއްދައިގެ މައްސަލަ ފެންމަތިވީ އޭނާ އަތުގައި އޮތް ހުއްދައަކީ ސައްހަ އެއްޗެއް ކަން ބެލުމަށް އެމްޕީއެލް އިން ބާ ކައުންސިލަށް ހުށަހެޅުމުންނެވެ. ބާ ކައުންސިލުން ބުނި ގޮތުގައި ތޫބާގެ އަތުގައި އޮތީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ސެޕްޓެމްބަރު 20، 2020 ގައި ހަދާފައިވާ ލިޔުމެކެވެ. އެ ލިޔުމުގައި ރިޓަޔާކޮށްފައިވާ ފަނޑިޔާރެއްގެ ސޮއި އޮތް ނަމަވެސް އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ. ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޖޫން 27، 2019 ގައި ބާ ކައުންސިލް ވުޖޫދުވުމަށްފަހު އެ ގާނޫނުގެ ދަށުން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ. ހުއްދަ ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއް ކަމުގައި އާންމުންނަަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ ގާނޫނުގައި މަނާ ކަމެކެވެ. ބާ ކައުންސިލުން ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފްތަރު ބާ ކައުންސިލުގެ ވެބްސައިޓުން ފެންނާނެ ހުންނާނެ ކަމަށާއި ގާނޫނީ ވަކީލުން އެ ލިސްޓް ބަލައިގެން ކަށަވަރުކުރުމަށް އެދިފަ އެވެ.