މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި
އަވަސް
22 އޯގަސްޓު 2025 | ހުކުރު | 4:38
ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ބުނި ގޮތުގައި ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބުގެ އަދަދަކީ 11,191.95 ރުފިޔާ އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ އޭޕްރީލް މަހު އެވެ. އޭރު ނިސާބަކީ 9264.15 ރުފިޔާ އެވެ. ޒަކާތު ހައުސް އިން ބުނީ ރާއްޖޭގައި ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަން ރިހީގެ އަގަށް ބަލައިގެން ކަމަށެވެ. އެގޮތުން މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 18.81 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 1,652.10 ރުފިޔާގައި ޒަކާތު ހައުސް އިން ބުނެ އެވެ. އެހެންވެ ރިހީގެ ނިސާބަކީ 595 ގްރާމް އަދި ރަނުގެ ނިސާބަކީ 85 ގްރާމެވެ. ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށާއި ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެ އެވެ. މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ. ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.