މާލެ ސަރަހައްދުގައި ބިން ހިއްކުން އަވަސްކުރަނީ

އަވަސް

22 އޯގަސްޓު 2025 | ހުކުރު | 8:09

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރަން އިތުރު ޑްރެޖަރުތަކުގެ ބޭނުން ހިފުމަށް ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށްވާތީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމާއި، ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުންކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. އެޗްޑީސީ އިން އިތުރަށް ބުނީ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް އެޗްޑީސީން ގެންދަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރަމުންނެވެ.

މައުޟޫޢުތަށް