ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ ހައްޔަރުކޮށްފި
އަވަސް
23 އޯގަސްޓު 2025 | ހޮނިހިރު | 11:00
ފުލުހުންގެ ވަޒީފާގައި ހުރީ ހުވާ ނުކޮށް ކަމަށް ހައިކޯޓުގައި ބުނި ފުލުސް މީހާ އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހްމަދު އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިގިނރޭޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިގެންނެވެ. އެކަމަކު ސާޖިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކުރީ އޭނާ ދޫކޮށްލުމަށެވެ. ސާޖިދު ދޫކޮށްލުމަށް ދަށު ކޯޓުން އަމުރު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ގޯސްކަމަށް ކނޑައަޅާފަ އެވެ. ހައިކޯޓުގެ ނިންމުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ކޯޓުން އަލުން ނެރުނު އަމުރުގައި ވަނީ ސާޖިދުގެ ބަންދަށް 20 ދުވަސް ދީފަ އެވެ. ސާޖިދު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމެއްގައި ސާޖިދުގެ ދިފާއީ ވަކީލު އަހްމަދު ޔާމީން ވަނީ ސާޖިދު ފުލުހުންގެ ހުވާނުކުރާ ކަމަށާއި ދައުލަތުން ފާހަގަކުރާ ހުވައެއް ނެތް ކަމަށެވެ. ޝަރީއަތުގައި ހައިކޯޓުގެ ފަނޑިޔާރުން ސުވާލުކުރުމުން ސާޖިދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ގޮސް އެ ތަނުގައި މަޑުކޮށްގެން ހުރި ނަމަވެސް ހުވާ ލައިދިން ވަގުތު ހުވާ ނުކިޔާ ކަމަށެވެ. "އަޅުގަނޑު ހުވައެއް ނުކުރަން. އަޅުގަނޑު ހުރީ އެތާ،" ސާޖިދު ބުންޏެވެ. ހުވާ ނުކުރާ ކަމަށް ސާޖިދު ބުނި ނަމަވެސް ހުވާގެ އިގުރާރުގައި އޭނާ ސޮއިކޮށްފައިވެ އެވެ.