ހަނިމާދޫ އެއާޕޯޓް ނޮވެމްބަރުގައި ހުޅުވަނީ
އަވަސް
24 އޯގަސްޓު 2025 | އާދިއްތަ | 11:00
ސަރުކާރުގެ އަމާޒަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ލަސްވެގެން ނޮވެމްބަރު މަހު، އެތަން ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމައި ހުޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ހަނިމާދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ހަނިމާދޫ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު އެ ވައިގެ ބަނދަރު، ބައިނަލްއަގްވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. އެގޮތުން އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނެ ގޮތަށް އެއާޕޯޓުން ބޭރުގައިވެސް ޑޮލަރު އޭޓީއެމެއް ބަހައްޓައިދޭނެ ކަމަށާއި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭޓީއެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. "ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސައިދިނުމާއެކު އެއާޕޯޓް ހުޅުވެން ވާއިރަށް، މިރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ހިދުމަތްވެސް ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ އެރަށުގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓް އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިން މަޝްރޫއު ކުރިއަށް ގެންގޮސް، ކޯޓުގައި ހުއްޓިފައި އޮތް ހައުސިން މަޝްރޫއަށް ހުއްދަ ލިބުމާއެކު އެ މަޝްރޫއުވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އުމްރާނީ މިފަދަ މަޝްރޫޢުތަކާއެކުއެކީ މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު ފަށައި 2027 ވަނަ އަހަރު ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް 17 ވަރަކަށް ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާ ކަމަށެވެ. މިޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސްކޫލްގެ މަޝްރޫއު ކުރިއަށް ގެންދާނ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށްވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. ހަނިމާދޫގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތާއި، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފަށަނެ ކަމަށް ރައީސް މިރޭ އިއުލާންކުރެއްވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފަށައި، އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ދޭން ފަށާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ. ރައީސް އިތުރަށް ވިދާޅުވީ ހަނިމާދޫ އަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިއްމު ބައެއް ހިއްސާކުރާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގައި މުހިއްމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ.