ހަނިމާދޫގެ 30 އެނދުގެ އާ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ފަށައިފި
އަވަސް
25 އޯގަސްޓު 2025 | ހޯމަ | 9:53
ހދ. ހަނިމާދޫގައި 30 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން އެވެ. މި ހޮސްޕިޓަލަކީ 30 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. ހަނިމާދޫގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ހަނިމާދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ހިދުމަތްވެސް މިއަހަރު ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.