ހަނިމާދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

އަވަސް

25 އޯގަސްޓު 2025 | ހޯމަ | 10:53

ހދ. ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހަނިމާދޫގެ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި މި މަޝްރޫއުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އަދި ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަންވެސް ބައިވެރިވެވަޑައިގަތެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މައުޟޫޢުތަށް