ހުރިހާ ރަށެއްގައި މި އަހަރު ފުލުހުންގެ ހިދުމަތް ގާއިމުކުރަނީ
އަވަސް
25 އޯގަސްޓު 2025 | ހޯމަ | 11:46
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ އަމާޒެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވިއިރު ގާތްގަނޑަކަށް 83 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވެފަ ނެތް ކަމަށެވެ. ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ހިންގޭ އެންމެ ބޮޑުއެއް މަޝްރޫއަކީ ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުންކަން ފާހަގަ ކުރައްވާ މިނިސްޓަރު އިހްސާން ވިދާޅުވީ ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި 100 އަށްވުރެ ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ދެމުން އައީ އާންމު ހިދުމަތެއް ދެވޭނެ ފަދަ ގޮތަކަށް ނޫނެވެ. "ހާއްސަކޮށް ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދެވޭ ވަރުގެ އިންފްރާސްޓްރަކްޗަރެއްގަ އެއް ނޫން. އެދޭވޭ ތަންތަނުގައި ނޫން ގޮތަކަށް ހިދުމަތް ދިނީމަ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރުވެސް އެހާ ރަނގަޅެއް ނުވޭ،" އިހްސާން ވިދާޅުވި އެވެ. އިހްސާން ވިދާޅުވި ގޮތުގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމަކީ މުޖުތަމައުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއެވެ.