މަކުނުދޫއަށް ދެން އަންނާނީ އެއާޕޯޓް ހުޅުވަން: ރައީސް
އަވަސް
26 އޯގަސްޓު 2025 | އަންގާރަ | 11:49
ހދ. މަކުނުދޫއަށް ދެން ވަޑައިގަންނަވާނީ އެ ރަށުގެ އެއާޕޯޓް ހުޅުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ މަކުނުދޫގައި އެއާޕޯޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ކަމެއްކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. އެރަށުގައި ތަރައްގީކުރާ އެއާޕޯޓަކީ 1،800 މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އެއާޕޯޓު ހިންގާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމަށެވެ. "އަޅުގަނޑުގެ އުންމީދަކީ އެއާޕޯޓް ނިންމާ، އެއާޕޯޓް ހުޅުވަން ދެން އަންނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. މަކުނުދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އަދި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުް ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަޑް) އަހުމަދު ސައުދީ އެވެ. މީގެ އިތުރުން މަކުނުދޫ މަގު ހެދުމުގެ މަޝްރޫއު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުް ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.