ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެނީ
އަވަސް
27 އޯގަސްޓު 2025 | ބުދަ | 2:11
ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.
ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުމަށް މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އަދި ގަވާއިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. އެހެންވީމާ މި މެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށި މިޔަރުގެ މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް އަލުން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. "އެހެންވީމާ އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވުމަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ. މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މިޔަރުގެ މަސްވެރިކަން މަނާ ކުރުމާ ޖެހެންދެން ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރި އެވެ. ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދޭއިރު ރާއްޖޭގައި މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށްފައިވާތާ އަހަރުތަކެއް ވެފައިވާތީ މިޔަރުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެ މިޔަރުގެ ސަބަބުން މަސްވެރިކަމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ބައެއް މަސްވެރިން ބުނެ އެވެ.