މަޖިލީހުގެ ރައީސް އިންނަވަނީ ހަމަ ވަރަށް ރަނގަޅަށް "ނަގޫ ފިތިފަ": މައުރޫފް

އަވަސް

27 އޯގަސްޓު 2025 | ބުދަ | 10:03

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންނެވީ "ނަގޫފިތިފަ" ކަމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

މައުރޫފު ޒާކިރު މިހެން ވިދާޅުވީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލި މައްސަލައިގައި މިއަދު ބަހުސް ކުރައްވަމުންނެވެ. މައުރޫފް ވިދާޅުވީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތަށް މަޖިލިސް ނުހިނގާ ކަމަށާއި މަޖިލީހުގައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަށް ރަބަރު ސްޓޭމްޕް ޖެހުން ކަމަށެވެ. "މަޖިލީހުގެ ރައީސް އިންނަވަނީ ހަމަ ވަރަށް ރަނގަޅަށް ނަގޫ ފިތިފަ،" ޒާކިރު ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ކޮމިޓީ މަރުހަލާގައި އެކަށީގެންވާ ވަރަށް މަސައްކަތްކޮށް މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވި ބިލެއް ކަމަށެވެ. ނަމަވެސް، ބިލަކާމެދު މަޖިލީހުގެ ކޮމިޓީއެއްގައި ކިތަންމެ ރަނގަޅު ދިރާސާއެއް ކުރި ނަމަވެސް ބިލް ނިންމަން ޖެހެނީ ރައީސް އޮފީހުން ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަށް ކަމަށް މައުރޫފު ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށް މިތަނުގައި ބިލެއް ނިންމާފައި ފޮނުވާލީމާ އަނެއްކާ ރައީސުލްޖުމްހޫރިއްޔާ އޭޓީއެމް ހުޅުއްވަން އުޅޭއިރު އިތުރު ހިޔާލުފުޅެއް އައިސްގެން އަނެއްކާ މި ބިލްތައް އަނބުރާ ފޮނުވާލަނީ މަޖިލީހުގެ ތަޅުމަށް" މައުރޫފު ވިދާޅުވި އެވެ. މައުރޫފު ވިދާޅުވީ މަޖިލީހުގެ ބާރެއް އަދި ޒިންމާއެއް ނެތް ކަމަށާއި ފެންނަނީ ރައީސް ވިދާޅުވާ ގޮތަށް ރަބަރު ސްޓޭމްޕް ޖަހާ މަންޒަރު ކަމަށެވެ.

މައުޟޫޢުތަށް