އުފަން ނުވަނީސް ލޭއަޅާ ކުއްޖެއްކަން ދެނެގަތުމަށް ޓެސްޓް ހަދަންޖެހޭ އިސްލާހެއް
އަވަސް
27 އޯގަސްޓު 2025 | ބުދަ | 10:35
ބަނޑުގައިވާ ދަރިފުޅަކީ ލޭއަޅާ ކުއްޖެއްކަން ދެނެގަތުމަށް ޓެސްޓުތައް ހަދަންޖެހޭ ގޮތަށް ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލައިގަ އެވެ. ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާ ރައީސް މުއިއްޒު ވިދާޅުވީ ބިލް ތަސްދީގު ކުރުމަށްޓަކައި ފޮނުއްވި ފަހުން އެ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ބައެއް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އެ ހުށަހެޅުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ކަމުގައި ވާތީ އާއި އެ އިސްލާހުތަކާއެކު އެ ބިލް ފާސްކުރުމަކީ ބިލުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރުމަށް ގާނޫނަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ. އެހެންކަމުން ބިލާމެދު މަޖިލީހުން އަލުން ވިސްނަވާ ވަޑައިގަތުމަށް އިތުރު އިސްލާހުތަކެއް ރައީސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެ ގޮތުން މާބަނޑު ދުވަސްވަރުގައި ގަރުބަގައިވާ ތުއްތު ދަރިފުޅަކީ ލޭއަޅާ ބަލި ނުވަތަ ތެލަސީމިއާ މޭޖާ ބަލި ވާރުތަވެފައިވާ ކުއްޖެއްކަން ކުރީބައިގައި ސިއްހީ ހާއްސަ މިންގަނޑަކުން ކަށަވަރު ކުރުމަށްޓަކައި ސިއްހީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހެދުމާއި އަދި އެފަދަ ޓެސްޓަކުން ލިބޭ ނަތީޖާއަކާ ގުޅިގެން އަމަލުކުރަން ކަނޑައަޅާ ހާއްސަ ގަވާއިދާއި އުސޫލާއެއް ގޮތަށް އެ ކެރިއާ ދެމަފިރިން އަމަލުކުރުން ލާޒިމުކުރަން ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ގާނޫނުގެ ދަށުން ތެލަސީމިއާ އަދި އަދަ ހިމޮގްލޮބިނޯޕަތީސް ހުންނަ މީހުން ކަނޑައަޅައި ދަފްތަރު ބަލަހައްޓަން ފެށުމާއެކު އެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުން އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް މަހުން މަހަށް ދެވޭ މާލީ އިނާޔަތެއް ދައުލަތުން ހަމަޖައްސައި ދެވިދާނެ ކަމަށް ކަމަށް އިސްލާހުގައިވެ އެވެ. އިސްލާހުގައި ވަނީ އަގަކާ ނުލައި ތެލަސީމިއާއަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި ކަނޑައެޅުމަށް ހިމަނާފަ އެވެ.