ބިލާއެކު މީޑިއާގެ މިނިވަންކަން ފަހަތަށް ދާނެ: ނާޒިލް
އަވަސް
27 އޯގަސްޓު 2025 | ބުދަ | 12:30
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ރެގިއުލޭޝަން ބިލާއެކު މީޑިއާގެ މިނިވަންކަން އެތައް ގުނައެއް ފަހަތަށްދާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން މިއަދު ބޭއްވި ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ ބިލްގެ ސަބަބުން މީޑިއާގެ މިނިވަންކަން 30 ދަރަޖަ ފަހަތަށް ދާނެ ކަމަށެވެ. "އަޅުގަނޑު ދަންނަވާލާނީ މި ބިލާއެކީގައި 30 ދަރަޖަ ފަހަތަށޭ ދާނީ އިއްޒަތްތެރި ރައީސް. ކީއްވެތޯ ތިބޭފުޅުން އެވަރު ޒިންމާއެއް ތި ނަގަނީ އެވަރު ގޯހެއް ތި ބޮލުގައި އަޅައިގެން ކޮނޑުގައި އަޅައިގެން ތި ގެންގުޅުއްވަނީ،" ނާޒިލް ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަން އޮތްއިރު ސަރުކާރު ޒިންމާދާރު ކުރުމަށް މީޑިއާގެ މިނިވަންކަން އޭރު އިދިކޮޅުގައި ތިބި މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ހިފި ކަމަށް އޭނާ ވިދާޅުވި އެވެ. "އެއީ މިއަދު ތިބޭފުޅުންނަށް ތިހާ ހިސާބަށް އާދެވުނު އެންމެ ބޮޑު އަސްލަކީ،" ނާޒިލް ވިދާޅުވި އެވެ. ނާޒިލް އިތުރަށް ވިދާޅުވީ ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަހީދުގެ ވަޒީރުކަން މި ބިލްގެ ސަބަބުން ގެއްލޭނެ ކަމަށެވެ. "މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފިއްޔާ އެ ބޭފުޅާގެ ވަޒީރުކަން ގެއްލޭނެ،" އަސްވާޑު ވިދާޅުވި އެވެ. ނާޒިލް ވަނީ މި ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.