ސީއެސްސީގެ މެންބަރު ކަމަށް ތިން ބޭފުޅަކަށް ރުހުން ދީފި

އަވަސް

27 އޯގަސްޓު 2025 | ބުދަ | 7:25

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި މިހާރުވެސް ހުންނެވި މުހައްމަދު ނާސިހްއާ އެކު އިތުރު ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރަން ރުހުން ދިނީ ނާސިހްގެ އިތުރުން ޑރ. ދީބާ މޫސާ އާއި ޑރ. ހުސައިން ފާއިޒަށެވެ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އެވެ. ދީބާ އަކީ މިހާރުގެ ހެލްތު މިނިސްޓަރު ނާޒިމު އިބްރާހީމުގެ އަނބިކަނބަލުންނެވެ. ދީބާ މީގެ ކުރިން ވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ވައިސް ޗާންސެލަރުގެ މަގާމުވެސް ފުރުއްވާފަ އެވެ. ސީއެސްސީގެ މެންބަރު ކަމަށް ނާސިހް އައްޔަންކުރަން 52 މެންބަރުން ވޯޓު ދެއްވިއިރު ހަތަރު މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި އެވެ. ސީއެސްސީގެ މެންބަރު ކަމަށް ދީބާ އައްޔަންކުރަން 60 މެންބަރުން ވޯޓު ދެއްވިއިރު ފާއިޒަށް 54 މެންބަރުން ވޯޓު ދެއްވި އެވެ. ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ނާސިހް ހިމެނޭހެން ކޮމިޝަންގައި ތިއްބެވި ތިން މެމްބަރެއްގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ހަމަވާތީ އެވެ. ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަ ނަމެއް މަޖިލީހަށް ފޮނުއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ސ. ހުޅުދޫ، އަހްމަދު މަގްސޫމް އައްޔަން ކުރަން ވެސް ފާސްކޮށްފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން 58 މެމްބަރުން ވޯޓު ދެއްވި އެވެ.

މައުޟޫޢުތަށް