އެމްޑަބްލިޔުއެސްސީ އިން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްފި

އަވަސް

27 އޯގަސްޓު 2025 | ބުދަ | 1:00

އެމްޑަބްލިޔުއެސްސީ އިން ހދ. ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމާ އިފްތިތާހްކޮށްފި އެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހްކޮށް ދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ. މިމަޝްރޫއުގެ ދަށުން، ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފަ އެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފަ އެވެ. ކުމުންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 102.17 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް