"މީޑިއާ ބިލް" ތަސްދީގުނުކުރުމަށް ނަޝީދު ގޮވާލައްވައިފި

އަވަސް

28 އޯގަސްޓު 2025 | ބުރާސްފަތި | 9:26

ނޫސްތަކަށް ފިޔަވަޅު އަޅައި އަދި ބައެއް ހާލަތްތަކުގައި ނޫސްތަކުގެ ރަޖިސްޓަރީ ބާތިލްކުރެވޭނެ ގޮތްތަކެއް ހިމަނައިގެން އެކުލަވާލާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ތަސްދީގުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާގައި މި ބިލް ވަނީ ބަލައިގަނެ، ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. ބިލާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރާ ކޮންމެ ފަހަރަކު ގައުމުގެ މިނިވަންކަމާއި ތަނަވަސްކަން ކުޑަވެގެންދާނެ ކަމަށެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުންނާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕްރިޒަނާ އޮފް ކޮންސައިންސްގެ ހައިސިއްޔަތުން ނަޝީދު ވަނީ މީޑިއާ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ. ނޫސްތަކަށް ފިޔަވަޅު އަޅައި އަދި ބައެއް ހާލަތްތަކުގައި ނޫސްތަކުގެ ރަޖިސްޓަރީ ބާތިލްކުރެވޭނެ ގޮތްތަކެއް ހިމަނައިގެން އެކުލަވާލާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" މަޖިލީހަށް ހުށަހެޅުއްވީ މީގެ ކުރިންވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. މިފަހަރު ބިލް ހުށަހަޅާފައިވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ކޮމިޝަނެއް އުފައްދަންޖެހޭ ގޮތަށެވެ. ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ނޫސްތައް ރަޖިސްޓަރީ ކުރުމާއި ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި ނޫސްތަކުގެ ސުލޫކު ކަނޑައެޅުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ. އަލަށް އުފައްދާ ކޮމިޝަންގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނާއި އަދި ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ތިން މެންބަރުން ކޮމިޝަނަށް ހޮވަނީ ރަޖިސްޓަރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެންނެވެ. ބިލްގައިވާ ގޮތުން އެއްލައްކަ ރުފިޔާއާ ހަމައަށް ނޫހެއް ޖޫރިމަނާކުރުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް ލިބެ އެވެ. އަދި ނޫހެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް އެ ނޫހެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ހިފެހެއްޓުމާއި ކޯޓަށް ގޮސްގެން ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ. އަދި ނިއުސް ވެބްސައިޓެއް ބްލޮކް ކުރުމާއި ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ. ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މައުޟޫޢުތަށް